އިއްޔެ އޮތް އަންތާލިޔާ މެރަތަންގައި ދިވެހި 20 ދުވުންތެރިން ވަނީ ބައި މެރަތަނާއި މެރަތަންގައި ދުވެފައެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ރާއްޖޭ މެރަތަން ރިކޯޑް އާކުރި ޔޫސުފު އިބްރާހިމެވެ.

ޔޫސޭވަނީ 42 ކިލޯމީޓަރުގެ މެރަތަން 2 ގަޑިއިރާއި 29 މިނެޓުން ނިންމާއި ރާއްޖޭގެ މެރަތަން ތާރީޚުގެ ތެރެއަށް ދަތުރުކޮށްފައެވެ. ރާއްޖޭގެ ބައި މެރަތަން ރިކޯޑުވެސް މިވަޤުތު އޮތީ ޔޫސޭ އަތުގައެވެ. އެއީ ގޯލްޑު ކޯސްޓު 2023 މެރަތަންގައި ދުވެގެނެް، 1 ގަޑިއިރާއި 9 މިނެޓުން ހަދާފައިވާ ރިކޯޑެވެ.

 

ބައިމެރަތަން ރިކޯޑު ޔޫސޭ ގާއިމު ކުރިތާ އަދި އަހަރު ނުވަނީސް މެރަތަން ރިކޯޑު އާކުރުމަކީ ކުޑަކެމެއް ނޫނެވެ. އަންތާލިޔާ މެރަތަންގައި ޔޫސޭ ކިލޯމީޓަރެއް އެވްރެޖުކޮށް ދުވެފައިވަނީ 3 މިނެޓާއި 33 ސިކުންތުންނެވެ. މިއީ ވަރަށް ބުރަ މަސައްކަތެކެވެ. މެރަތަންއަށް ޔޫސޭ ތަމްރީނު ހަދަފައިވަނީ ރާއްޖޭގައެވެ. އަދި ދިވެހި ކޯޗެއް ކަމުގައިވާ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވެފައިވާ އަދި މިހާރުވެސް ދުވަމުން ގެންދާ ދުވުންތެރިޔާ/ ކޯޗް ނަސްރުﷲގެ އިރުޝަދާގެ ދަށުންނެވެ.

 

މީގެ ކުރިން ރާއްޖޭގެ މެރަތަން ރިކޯޑު ވަނީ ޑރ. ހުސޭން (ކުޑަ ހުސެން)، ޝަރަފު އަދި ޝިފާޒު މުހައްމަދު ވެސް ހިފާއްޓާފައެވެ. އެންމެ ފަހުން މެރަތަން ރިކޯޑު އޮތީ ޝިފާޒު އަތުގައެވެ. އެއީ ޑުބާއީ މެރަތަން 2019ގައި  2 ގަޑިއިރާއި 32 މިނެޓުން ދުވެގެން ހަދާފައި ރިކޯޑެވެ. 

 

ރާއްޖޭގެ މެރަތަން ރިކޯޑުގެ ތާރީޚްއަށް ބާލާލާއިރު ޑރ. ހުސެން ހަދާފައިވާ ރިކޯޑު، 27 އަހަރަށް ފަހު އާކުރީ 2017ގައި ޝަރަފެވެ. ވޭތުވެދިޔަ 7 ވަރަކަށް އަހަރު ތެރޭގައި މެރަތަން ރިކޯޑް މިވަނީ އެކި ފަހަރު މަތިން އާކުރަމުން ގޮސް ގާތްގަޑަކަށް 17 މިނިޓުގެ ކުރިއެރުމެއް ހޯދާފައެވެ. އެހެންކަމުން މެރަތަން ދުވުމުގައި ރާއްޖެ ކުރިހޯދަމުން އަންނަކަމަށް ބެލެވިދާނެއެވެ.

 

ޔޫސޭ ދުވެމުގެ ތެރެއަށް ވަނީ 2013ގެ ހިސާބުގައެވެ. އެހެންނަމަވެސް، ވަޒީފާގެ ގޮތުން ރަށުން ބޭރުގައި އުޅެން ޖެހުނެވެ. އަލުން އެނބުރި އައިސް ކޯޗެއްގެ އިރުޝާދުގެ ތެރޭން ދުވަން ފަށާގަތީ ކޯވިޑުގެ ތެރޭގައެވެ. އެހެންކަމުން ޔޫސޭގެ ދުވުމުގެ ކުރިއެރުން މިއަންނަނީ ވަރަށް ހަލުވިކޮށެވެ.

 

ޔޫސޭގެ ތަމްރީނުތައް  ހަދާފައިމިވަނީ ރާއްޖޭގައެވެ. ސަރައްހައްދީ ފެންވަރުގައި ރާއްޖެ ވާދަކުރެވޭވަރުގެ ވަޤުތެއް ކަމުގައި ރައްޖޭގެ މެރަތަން ރިކޯޑު ނުވާނެއެވެ. އެހެންކަމުން ޔޫސޭގެ ކޯޗިން ތަމްރީނުއަށް ކުރިއެރުން ލިބެން ޖެހެއެވެ. ސަރަހައްދީ ފެންވަރުގައިވެސް ވާދަކުރުމަށް ރަނގަޅު ކޯޗިން ލިބޭނެ ހިސާބަކަށް ޔޫސޭ ފޮނުވިއްޖެ ނަމަ ސަރަހައްދީ ފެންވަރުގައި ވާދަކުރުމުގެ ބާރަކަށް ރާއްޖެ ވާނެ ކަމުގެ ޝައްކެއް ނެތެވެ.