ދިވެހިރާއްޖޭގައި އެންމެ ގިނަ މެރަތަން ދުވެފައިވަނީ ކޮން ދުވުންތެރިއެއްހޭ އަހާފިނަމަ، ޖަވަބީ  ނަސްރުﷲ އަހްމަދު އެވެ. ނަސްރުވަނީ ވަރަށް ގިނަ  ޤައުމުތަކުގައި މެރަތަން ފުރިހަމަކޮށްފައެވެ. މިގޮތުން މެލޭޝިއާ، ސިންގަޕޫރު، ތައިލޭންޑު، އޮސްޓުރޭލިއާ، ތުރުކީ، ޖަރުމަން، ނޯވޭ، އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކުގައި ނަސްރުވަނީ މެރަތަން ދުވެފައެވެ. 

 

ނަސްރުގެ އަމާޒަކީ ކޮންމެ މެރަތަނެއް 4 ގަޑިއިރުގެ ތެރޭގައި ފުރިހަމަ ކޮށްލުމެވެ. ދުނިޔޭގެ ނިސްބަތުން ހަތަރު ގަޑިއިރު ނުވަނީސް މެރަތަން ފުރިހަމަ ކޮށްލެވެނީ ގާތްގަޑަކަށް 43 % ދުވުންތެރިންނަށެވެ.

 

މެރަތަން ބެލުންތެރިންނާއި ދުވުންތެރިނަށްވެސް، މެރަތަން ރޭސް އޮންނަ ދުވަހަކީ، ވަރަށް ފާހަގަ ކުރެވޭ ދުވަހެކެވެ. ކުޅިވަރާއި  ހިތްވަރުދިނުމާއި އުފާވެރިކަމުގެ ދުވަހެކެވެ. މެރަތަންއަކީ ބައިވެރިވާ ދުވުންތެރިންނަށްވެސް އުފާވެރިކަން ގެނެސްދޭ އިވެންޓެކެވެ.

ކޮންމެ އަހަރަކު 1.1 މިލިއަން ދުވުންތެރިން މެރަތަން ނިންމައެވެ. މިއީ ދުނިޔޭގެ އާބާދީގެ ގާތްގަޑަކަށް 0.01 % އެވެ. މެރަތަނެއް ދުވެލުމަކީ އެންމެނަކު، ކުރާހިތްވާކަމެއް ނޫނެވެ.

 

އެވްރެޖުކޮށް މެރަތަނެއް ނިންމާފައި ހުންނަނީ 4 ގަޑިއިރާއި 21 މިނެޓުންނެވެ. ހަތަރު ގަޑިއިރުވަންދެން ދުވެދުވެ ހުރުމަކީ ދުވުންތެރިޔާ ވަރަށް މަތީ ދަރަޖައަކަށް، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ ވާންޖެހޭކަމެކެވެ.

މެރަތަން ދުވުމުގެ އެވްރެޖު އުމުރަކީ 40 އަހަރެވެ. އެންމެ ރަގަޅު ފެންވަރެއްގައި މެރަތަން ދުވެފައި ހުންނަނީ 30 އަހަރާއި 50 އަހަރާއި ދެމެދުގައެވެ.

 

ނަސްރުﷲ އެންމެފަހުން މެރަތަންއެއް ފުރިހަމަ ކުރީ ތުރުކީގެ އަންތާލިޔާގައި އޮތް ރޮންތޯލިޔާ މެރަތަންއެވެ. މިމެރަތަން އޮތި ތުރުކީގެ އަންތާލީޔާގައި މިމަހުގެ 3 ވަނަ ދުވަހުގައެވެ. ނަސްރުގެ 95ވަނަ މެރަތަން ފުރިހަމަ ކުރުމަށްފަހު އަދި ހުރީ ތުރުކީގައެވެ. އެނބުރި ރާއްޖެ އަންނާނެކަމަށް ބެލެވެނީ 8 މާރޗުގައެވެ.  
ނަސްރުއަށް މާލެ އާދެވުނީމައި އެންެެމެ މުހިންމުކަމެއް ގޮތުން، ނަސްރު ގަސްދުކޮށްފައި އޮތީ، ނަސްރުގެ 95 ވަނަ މެރަތަން ނިންމާގެން ހާސިލުކޮށްފައިވާ މެޑަލް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއަށް ވެދުން ކުރާށެވެ.

                     ނަސްރު ފުރިހަމަ ކުރި 95ވަނަ މެރަތަނުން ލިބިފައިވާ މެޑަލް