އުސޭން ބޯލްޓް މީގެ 22 އަހަރު ކުރިން ހެދި، 17 އަހަރުން ދަށުގެ 400 މީޓަރު ދުވުމުގެ ރިކޯޑު މިހާރުވަނީ މުގުރާލައިފިއެވެ.

މި ރެކޯޑް ބޯލްޓް ގާއިމުކޮށްފައި ވަނީ 2002 ވަނަ އަހަރު 47.33 ސިކުންތުން ރޭސް ދުވެގެންނެވެ.  ބޯލްޓުއަށް ފުރަތަމަ އޮލިންޕިކް މެޑައްޔެއް ލިބިފައިވަނީ މި ރިކޯޑު ހެދިތާ ހަ އަހަރު ފަހުން، ބެއިޖިންގައި އޮލިމްޕިކްގައެވެ. 

 

ބޯލްޓުގެ ރިކޯޑު މުގުރާލައިފާ ވަނީ، ޖަމައިކާގެ ޒުވާނެއްކަމުގައިވާ 16 އަހަރުގެ ބްރެމްވެލް އެވެ. ގްރެނާޑާގެ ކިރާނީ ޖޭމްސް އެތުލެޓިކްސް ސްޓޭޑިއަމްގައި ކުރިއަށްދާ ކެރިފްޓާ ގޭމްސްގައި ވާދަކުރި ބްރެމްވެލް ވަނީ 47.26 ސިކުންތުން ދުވެ، ބޯލްޓްގެ ކުރީގެ ރެކޯޑަށް ވުރެ ސިކުންތުގެ ބައިކުޅަ ބައި ބާރަށް ދުވެގެން ރިކޯޑު އާކޮށްފައެވެ. 

 

މިރޭހަށް ނިކުންއިރު އަނިޔާތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ޒުވާން އެތުލީޓަށް 47.96 ސިކުންތުން ދެވަނަ ހޯދި ކެމްރޮން މެތްލީން އާއި 48.16 ސިކުންތުން ތިން ވަނަ ހޯދި އީގަން ނީލީ އަށް ވުރެ ބާރަށް ދުވެ ރިކޯޑު ތާރީހުގެ ތެރެއަށް ވަދެވުނެވެ.

 

ރެކޯޑް މުގުރާލުމަށް ފަހު ބްރެމްވެލް ބުނީ ރެކޯޑް މުގުރާލުމަކީ ވަރަށް އުފާވެރި އިހުސާސެއް ކަމަށެވެ. "މިދިޔަ ހޫނު މޫސުމުން ފެށިގެން އަހަރެން ލޯ އަޅަމުން އައީ ރެކޯޑަށް، އެހެންވީމަ މިތަނަށް ނުކުމެގެން މި ރެކޯޑް ހޯދުމަކީ ބޮޑު ކަމެއް. އަހަރެން ފޯކަަސް ކުރީ ރިކޯޑު ހަދަން"

 

ބްރެމްވެލްގެ ސަޕޯޓަރުން ދެކޭގޮތުގައި ރޭސް ނިންމާ ހިސާބުން އެނޭ ކުޑަތަންކޮޅެއް މަޑުކޮށްލިއެވެ. މަޑުނުޖެއްސިނަމަ އަދި މިއަށް ވުރެއަވަހަށް ނިންމޭނެކަމަށެވެ. 

 

ރާއްޖޭގެ 400 މީޓަރުގެ ދުވުމުގެ ގައުމީ ރިކޯޑު އޮންނަނީ ހަސަން ސާއިދު އަތުގައެވެ. އެއީ މިގެ 11 އަހަރު ކުރިން ހަދާފައިވާ ރިކޯޑެކެވެ. މިރިކޯޑު ސާއިދު ގާއިމުކޮށްފައިވަނީ 47.48 ސިކުންތުން ދުވެގެންނެވެ.