މި އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކް މެރެތަންގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ކެންޔާގެ އެލިއުޑް ކިޕްޗޯގޭ ބުނެފިއެވެ.

 

ވޭތުވެ ދިޔަ ދެ އޮލިންޕިކްގައި - އެއީ 2016 ވަނަ އަހަރު ރިއޯ ޑި ޖެނީރޯގައި އަދި 2021 ވަނަ އަހަރު ކޯވިޑްގެ ވަބާގެ ސަބަބުން ލަަސްވެގެން ދިޔަ، ޓޯކިޔޯ ގޭމްސްގައި ކާމިޔާބު ހޯދި އުމުރުން 39 އަހަރުގެ ކިޕްޖޯގީއެވެ. ނަމަވެސް މިއަހަރުގެ މާޗް މަހު ބޭއްވި ޓޯކިޔޯ މެރެތަންގައި ކިޕްޖޯގީއަށް މެރަތަން ނިންމުނީ 10 ވަނައަށެވެ.

އޮލިމްޕިކް މެރެތަން ޗެމްޕިއަންކަން ދިފާއުކުރި ހަމައެކަނި އެހެން ފިރިހެން ދުވުންތެރިންނަކީ، އިތިއޮޕިއާގެ އަބޭބޭ ބިކިލާ (1964) އާއި އިރުމަތީ ޖަރުމަނުގެ ވަލްޑެމާ ސިއާޕިންސްކީ (1980) އެވެ.

 

"އަހަރެންގެ އެންމެ ބޮޑު އުންމީދަކީ ހަގީގަތުގައި ތިން ވަނަ ފަހަރަށް އޮލިމްޕިކްސް ކާމިޔާބު ކުރުން،" ކިޕްޗޯގޭ ބުންޏެވެ.

 

ޖުލައި 26 އިން ފެށިގެން އޮގަސްޓް 11 ގައި އޮންނަ ޕެރިސް ގޭމްސްގަައި، ބައިވެރިވާނެ ކެންޔާގެ މެރެތަން ދުވުންތެރިން ވަނީ  ޝޯޓްލިސްޓުކޮށް އިއުލާކޮށްފައެވެ. މިލިސްުގައި ކިޕްޖޯގީއާ އެކު ދެ ފަހަރެއްގެ މަތިން ބޮސްޓަން މެރެތަން ޗެމްޕިއަން ބެންސަން ކިޕްރޫޓޯ، ޓިމޮތީ ކިޕްލަގަޓް، ވިންސެންޓް ކިޕްކެމޯއީ ގޭޓިޗް އަދި އަލަށް ގައުމީ ސްކޮޑަށް ނެގި އެލެގްޒެންޑަރ މުޓިސޯއާ ހިމެނެއެވެ. 

 

މިއަހަރުގެ ޓޯކިޔޯ މެރެތަން ކިޕްރޫޓޯ ކާމިޔާބުކުރީ ދެ ގަޑިއިރާއި ދެ މިނެޓާއި 16 ސިކުންތުގެ ވަގުތުން ކަމަށާއި ކިޕްލަގަޓް އާއި ންގޭޓިޗް ވެސް ވަނީ ޕޯޑިއަމް ފުރިހަމަކޮށްފަ އެވެ.

 

ޓޮކިޔޯ މެރަތަންގައި ކިޕްރޫޓޯގެ ފަހަތުން ހަތަރު މިނެޓާއި ބައި ކިޕްޖޯގޭ ރޭސް ނިންމާލިި ނަމަވެސް އެ ނަތީޖާގެ ސަބަބުން އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ޕެރިހުގައި ލިބޭނެ ފުރުސަތުއާ މެދު ކިޕްޖޯގީ އެއްވެސް ކަންބޮޑެއް ނުވެއެވެ.

 

"އަހަރެންނަށް ހީވަނީ ހަމަ ވަރުބަލިވީހެން،" އޭނާ ކިޔައިދިނެވެ.

 

"ނޭނގެ ވީ ގޮތެއް އެކަމަކު އެއީ ދިރިއުޅުން، އެއީ ކުޅިވަރު. އެއީ ކުޅިވަރުގެ ރީތިކަން."

 

މިއަހަރު ނޮވެމްބަރު މަހު ކިޕްޗޯގޭއަށް 40 އަހަރު ފުރޭއިރު، 2028 ވަނަ އަހަރު ލޮސް އެންޖެލިސްގައި ބާއްވާ އޮލިމްޕިކްސްގައި ބައިވެރި ވެވޭނެތޯ ސުވާލު ކުރުމުން އެކަމުގެ ތެރެއަށް އަދި ވަންނަން ބޭނުުންނޫންކަމަށް ބުންޏެވެ.

 

"ކެންޔާގައި އަހަރެމެން ކިޔާ އުޅޭނީ އެއްފަހަރާ ދެ މުސަޅު ފަހަތުން ނުދާށޭ، އޭރުން ހުރިހާ މުސަޅުތައްވެސް ގެއްލިގެންދާނެ. އެއް މުސަޅު ފަހަތުން ދުވަން ވާނީ" ކިޕްޖޯގީ ކިޔާދިނެވެ.

 

"އެހެންވީމަ މިހާރު އަހަރެން ފަހާ ދުވާ މުސަޅަކީ އޮލިމްޕިކް ގޭމްސް، އޭގެ ފަހުން ދެން ވިސްނާނީ ކުރަން ހުރިކަންތައްތަކަކީ ކޮބާތޯ"

 

ކިޕްޖޯގީ ރިޓަރ ވުމާއި ގުޅޭގޮތުން މިދުވަސް ކޮޅު ވަނީ ސުވާލު އުފެދިފައެވެ. އެސުވާލަށް ސީދާ ޖަވާބެއް ކިޕްޖޯގީ ނުދެއެވެ.

 

މިދިޔަ ހަފްތާގައި ކޕްޖޯގީ ހުރީ ޕެރިހުގައި ކެންޔާގެ އޮލިންޕިކް ކިޓް ލޯންޗުކުރުމުގައި ބައިވެރިވުމަށެވެ. މެރަތަން ޗެމްޕިއަންކަން ދިފާއުކޮށްފިނަމަ މާލީ އިނާމުވެސް އޮވެއެވެ.

 

އޮލިމްޕިކްސް އަށް ފުރަތަމަ ފަހަރަށް ވޯލްޑް އެތުލެޓިކްސްގެ ރައީސް ލޯޑް ކޯ ވަނީ ޕެރިހުގައި އެތުލެޓިކްސްގެ ހުރިހާ ރަން މެޑަލް ހޯދާ ފަރާތްތަކަށް 50،000 ޑޮލަރު އިނާމު ފައިސާ ލިބޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

 

ކިޕްޗޯގޭ ގަބޫލުކުރާ ގޮތުގައި މި ކުރިއެރުމުގެ ސަބަބުން ދިގު މުއްދަތުގައި ކުޅިވަރަށް ކުރިއެރުން ލިބިގެންދާނެ އެވެ.

 

"އަހަރެން ދުވަނީ ފައިސާގެ ސަބަބުން ނޫން ނަމަވެސް އަހަރެން ދުވަނީ ޕާފޯމް ކުރަން ބޭނުންވާތީ" ކިޕްޗޯގޭ ބުންޏެވެ.