އެންމެ ގިނަ މެރަތަން ދުވެފައި ހުރި ރާއްޖޭގެ ދުވުންތެރިޔާ، ނަސްރުﷲ އަކީ ރާއްޖޭގެ މިލިޓަރީގައި ހިދުމަތް ކުރައްވަމުން އަންނަ ދުވުންތެރިއެކެވެ. ނަސްރުﷲ ސިފަންއިގެ ހިދުމަތުގައި އުޅުއްވާތާ މިހާރު 25 އަހަރު ވެއްޖެއެވެ. މިފަދަ ޒިންމާ ބޮޑު ދާއިރާއެއްގައި އުޅެމުން ދުވުމުގެ ކުޅިވަރު ކުރިއަށް ގެންދުއުމަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތި ވާނެކަމެވެ. 

 

އެހެންނަމަވެސް ނަސްރުﷲ ވަނީ ވޭތުވެ ދިޔަ 10ވަރަކަށް އަހަރު ތެރޭގައި  ވަޒީފާ އަދާކުރަމުން، ދުވުންތެރިއެއްގެ އިތުރުން ކޯޗެއް ގޮތުން ވެސް ހަރަކާތްތެރިވެފައެވެ. ރަސްރުވަނީ މިހާރު 96 މެރަތަން ދުވެފައެވެ. މިއިން ކޮންމެ މެރަތަނެއްވެސް ދުވެފައި ހުރީ 4 ގަޑިއިރު ހަމަ ނުކޮށެވެ. ނަސްރުގެ އަމާޒަކީ 100 މެރަތަން މިގޮތަށް ހަމަކޮށް، ސައުތު އޭޝިއާގެ އެންމެ ގިނަ މެރަތަހަން ދުވުމުގެ ރިކޯޑު ހޯދުމެވެ. ނަސްރުﷲގެ އިރުޝާދުގެ ދަށުން ވަރަށް ގިނަ ދުވުން ތެރިންނެއް ވަނީ ވަނަތައް ހާސިލު ކޮށްފައެވެ. އަދި ގައުމީ ރިކޯޑުވެސް ހަދާފައެވެ. ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތުވެސް ވަނީ އެތަށް ދުވުންތެރިނަކަށް ހޯދާދީފައެވެ.

 

މިހާރު ރާއްޖޭގެ ދިގުދުވުމުގެ ގައުމީ ސްކޮޑުގައި ތިބި ހުރިހާ ދުވުންތެރިންނަކީ ނަސްރުﷲ ގެ ޓްރޭނިންގ ތެރޭން ފުރުޞަތު ހޯދި ދުވުންތެރިންނެވެ.

ނަސްރުﷲ ކޯޗިން ދެނީ ހަމައެކަނި ގައުމީ ފެންވަރު އެތުލީޓުންނަކަށް އެކަންޏެއް ނޫނެވެ. ދުވުމުގެ ޝައުގުވެރިކަން ހުރި ކޮންމެ ފަރާތެއް ނަސްރުގެ ދުވާ ކްލަބާ ގުޅިގެން ތަމްރީނު ކުރެވޭނެއެވެ. މިގޮތުން ވަރަށް ގިނަ އާދާގެ ދުވުންތެރިންތަކެއް ވަނީ އެމީހުންގެ ޕާރސަނަލް ބެސްޓް އެތަށް ފަހަރަކު އާކޮށްފައެވެ. 

އަޅުގަނޑުމެން ރަންރާއްޖެއިން ނަސްރުއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.